އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަންގެ މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ މިއަދު ބައްދަލުކުރައްވަފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރުމުގައި ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކޮށް އެކަމަށް މިނިސްޓަރު ކިންޖަރަޕޫ ރާމްއަށް ޝުކުރު އަދާކުރައްވާފައި ވާކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާ ކުރައްވާފައި ވާކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ހަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު، އާއިޝަތު އަޒީމާ އަދި މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަބްދުﷲ ހަމީދުވެސް ބައިވެރިވެވަޑައިގެންފައި ވާކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މަންދޫބު، ކިންޖަރަޕު ރާމް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންފައިވަނީ މިރޭ ހުޅުވާ ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެގޮތުން އޭނާ އަށް މަރުހަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގައެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
