ބީލަމަށް ނުލައި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ކުންފުނިތަކަށް ދިން 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށްޓަކައި ކޯޓަށް ދިއުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ ރައީސް އަހްމަދު ސަލީމް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.
އެ ގަރާރު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ، ސަރުކާރުން 206 ކުންފުންޏަކާ މަޝްރޫއުތައް ހަވާލުކުރީ އިއުލާނުކުރުމެއް ނެތި ކަމަށެވެ. ސަރުކާރާ ގުޅުންހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދިންކަން ފާހަގަކޮށް މި ގަރާރުގައި ވަނީ ސަރުކާރުން މަޝްރޫއުތައް ދިން ކުންފުނިތަކުގެ ތެރޭގައި ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނުހިމެނޭ، އުވާލުމުގެ މަރުހަލާގައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެ ގަރާރުގައިވަނީ ކުންފުނިތަކަށް މަޝްރޫއުތައް ދިނީ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން ހުރި މިންވަރަށް ނުބަލައި، އެއް ބާވަތެއްގެ މަޝްރޫއުތައް އެކި އަގުގައި ކަމަށެވެ. އެހެންކަމުން ސަރުކާރުން ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށާއި، ސަރުކާރުން ސޮއިކުރި އެއްބަސްވުންތައް ބާތިލުކަމަށް މި ގަރާރުގައިވަނީ ހުށަހަޅާފައެވެ. މިކަމުގައި ބީއެމްއެލްގެ އިސްވެރިންގެ އަތެއްވެސް އޮތްކަން ތުހުމަތުކޮށް، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް މި ގަރާރުގައި ވަނީ ބުނެފައެވެ.
ސަލީމް ހުށަހެޅުއްވި ގަރާރުގައިވަނީ ސަރުކާރާއި، މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުން އެއްބަސްވުންތައް ބާތިލްކުރުމަށާއި މިނިވަން މުއައްސަސާތަކުން މައްސަލަ ތަހްގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށށް ކަމާބެހޭ ފަރާތްތަކަށް މި މައްސަލައިގައި އެމްޑީޕީން ހުށަހެޅުމަށް ވަނީ ގޮވަލާފައެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމާ ވަކި މަޝްރޫއުތައް ވާދަވެރި ބިޑަކާ ނުލައި، ސަރުކާރުން ބޭނުންވާ ކުންފުންޏަކަށް ދެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދަށް ގެނައި އިސްލާުހު ބާތިލްކުރަން ކޯޓަށް ދިއުމަށްވެސް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މި ގަރާރުގައި ވަނީ ސަރުކާރުން ސޮއިކުރި މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވަން ކޯޓުގައި އަމުރަކަށް އެދުމަށާއި މި މައްސަލައިގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ އަދި މައްސަލަ ބަލަން އިންކާރުކޮށްފިނަމަ، އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި ފިޔަވަޅު އަޅައި ކޮރަޕްޝަންގެ ދައުވާކޮށް މަގާމުން ވަކިކުރުމަށްވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ބަހުސްކުރުމަށްފަހު މި ގާރާރު ފާސްކޮށްފައިވާއިރު މައްސަލަ ކޯޓަށް ހުށަހަޅާނެ ތާރީހެއް އަދި އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.
