ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ ވަޒީފާ އިޔާދަކޮށްދީފިއެވެ.

މަހްމޫދު ރިޔާޒަށް ކުރެވުނު ތުހުމަތު ތަކާއި ގުޅިގެން އެނާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް، ސަލާމަތީ ކޮމިޓީއިން މިދިޔަ ބުރާސްފަތި ދުވަހު ލަފާ އަރުވާފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިދުމަތްތަކާ ބެހޭ ކޮމިޓީން ތަހުގީގުކޮށް، ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމައިފައިވާ ކަމަށެވެ. އަދި، ވަޒީފާ އިޔާދަކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާފައިވާތީ، ރިޔާޒުގެ ވަޒީފާ ރައީސް އިޔާދަކުރައްވާފައިވާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ މަހުމޫދު ރިޔާޒު މަގާމުން ވަކިކުރަން ރައީސް ނިންމެވި ފަހުން ކޮމިޓީއަށް ލިބުނު އިތުރު މައުލޫމާތުތަކާ ގުޅިގެން ކޮމިޓީން ދިރާސާކުރުމަށްފަހު، ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ތުހުމަތުތަކާއި ގުޅިގެން ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު ވިދާޅުވީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށެވެ.