އައްޑޫ ސިޓީގެ ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދި އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ޕެޓިޝަނެއް ހުށަހެޅުމަށް ނިންމައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރައީސް އައްޑޫ ސީޓީއަށް ވަޑައިގަންނަވާއިރު، ގެސްޓު ހައުސް ވިޔަފާރިކުރާ ފަރާތްތަކުން ވަނީ، އެ ވިޔާފާރި ކުރިއަރުވާ ހިންގުމަށް ސަރުކާރުގެ ފަރާތުން 4 ކަމެއް ތަންފީޒުކޮށް ދިނުމަށް އެދިފައެވެ. މި ގޮތުން މި ޕެޓިޝަނުގައި އެދިފައިވަނީ 8 ޕަސަންޓު އިންޓްރެސްޓަށްވުރެ ބޮޑުނުވާ ގޮތަށް، ގެސްޓްހައުސް ތަރައްގީކުރުމަށް ލުއިލޯނު ލިބޭ ގޮތް ހަމަޖައްސައި ދިނުމުގެ އިތުރުން ޕްރައިވެސީއާއެކު ފަތުރުވެރިންނަށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސާވިސް އައިލެންޑެއްގެ ގޮތުގައި ސަވާހިލި ކަނޑައެޅައި ދިނުމަށް އެދިފައެވެ.

މީގެ އިތުރުން މި ޕެޓިޝަނުގައި ވަނީ ބޭރުން ސީދާ ގަމަށް ދަތުރުތައް ފަށާ އެއާލައިންސްތަކަށް ސަރުކާރުން ދޭނެ ލުއިތައް ހަމަޖައްސައިދިނުމަށް އެދިފައެވެ. އަދި 2027 ވަނަ އަހަރަކީ ވިޒިޓް އައްޑޫ އިޔާ ކަމުގައި ކަނޑައަޅައި، އަތޮޅުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ހާއްސަ ޕްލޭނެއް އެކުލަވާލައި ތަންފީޒުކޮށް ދިނުމަށް އެދިފައެވެ.

މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުން ހުށަހަޅާ ގިނަ ކަންކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރުމަކާ ނުލައި ކުރެވެން އޮތް ކަންކަން ކަމަށެވެ. އަދި ހަރަދު ކުރިޔަސް އޭގެ މަންފާ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭނެކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

ނިމިދިޔަ ސަރުކާރުން އައްޑޫ ސިޓީގެ އެކިއެކި ރަށްތަކުގައި ޓޫރިޒަމް ޒޯނުތައް ގާއިމުކޮށް ބިންތައް އެވޯޑުކުރިއިރު އެތަންތަން ތަރައްގީ ކުރުމަށްޓަކައި ލުއި ލޯނު ދޭނެ ކަމުގެ ޔަގީންކަން ދިނަސް، މިހާތަނަށް އެއްވެސް ބެންކަކުން އެކަން ހަމަޖައްސައިދީފައި ނުވާ ކަން މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. އަދި އައްޑޫ ސިޓީގައި ޓޫރިސްޓް ބެޑް އިތުރު ކުރެވިގެން ނޫން ގޮތަކަށް، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުން ފްލައިޓް ނުގެނެވޭނެކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.