ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސެންޓްރަލް ލަންޑަން، ސަރަހައްދުގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނަކީ ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމާ އެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ ޕްރިއަމް ޑެސްޓިނޭޝަނެއްގެ ލަގަބު ދެމެހެއްޓުމާ އަދި ރާއްޖޭގައި ފަތުރުވެރިންނަށް ގިނަ ފުރުސަތުތަކެއް ހުރިކަން އަންގައިދިނުމަށް ތައްޔާރުކޮށްފައިވާ ކެމްޕޭނެކެވެ.
ވީއެމްސީން ބުނީ މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025) ފެށުމާ ދިމާކޮށް ކަމަށެވެ. ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނާ ގުޅޭ ގޮތުން ވީއެމްސީން ބުނީ މި ކެމްޕޭނުގައި ލަންޑަންގެ މަގުތަކުގައި ރާއްޖޭގެ ކަނޑުތަކާ، ރާއްޖޭގެ އެކި ހިސާބުތަކުގެ ރީތިކަން ދައްކުވައިދޭ 100 ޓެކްސީ ބޭނުންކުރާނެ ކަމަށެވެ.
ރާއްޖޭގެ ނަމާއި، ބްރޭންޑިން އަދި މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ޖަހައިގައި ލަންޑަންގެ ހަލަބޮލި ހިސާބުތަކުގައި މި ޓެކްސީތައް ދުއްވުމަށް ހަމަޖެހިފައިވާއިރު މި ކެމްޕޭނުގެ ބޭނުމަކީ ޑަބްލިއުޓީއެމް ފެއާއަށް ޒިޔާރަތްކުރާ ލަގްޒަރީ މަންޒިލްތަކަށް ލޯބިކުރާ ފަތުރުވެރިންނާ، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން އަދި މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ލިބޭ މިންވަރު އިތުރުކުރަންކަމަށް ވީއެމްސީން ވަނީ ބުނެފައެވެ.
މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ފަސް ކުންފުންޏެއްގެ އެހީތެރިކަމާއެކުގައިކަމަށް ވީއެމްސީން ވަނީ ބުނެފައެވެ. އެގޮތުން ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އަދި ބެރެނާއީ ކޮއްޓަފަރުގެ އިތުރުން ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވެސްގެ އެއްބާރުލުން ލިބެމުން އަންނަކަން ވީއެމްސީން ވަނީ ފާހަގަކޮށްފައެވެ.
