ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ޕަބްލިކް ސާވިސް މީޑިއާ އިން ގުޅިގެން، ކުޑަގިރި ކައިރީގައި ހުންނަ ދޫނިއާ ރެކް ސައިޓުގައި މުރަކަ އަލުން ދިރުވުމުގެ ބޮޑު ހަރަކާތެއް ބާއްވާފިއެވެ.
މި ހަރަކާތަކީ ޕީއެސްއެމް އިން ބޭއްވި އޭޝިއާ މީޑިއާ ސަމިޓް 2026 ގެ މުހިންމު ޕްރޮގްރާމެއް ކަމަށް ވާއިރު، 40 ގައުމެއްގެ 300 އަށް ވުރެ ގިނަ ބޭރުގެ މީޑިއާ ޑެލިގޭޓުން މި ހަރަކާތުގައި ބައިވެރިވިއެވެ. 2025 ގައި ފަށާފައިވާ "ދޫނިޔާ ރެކް" މަޝްރޫއަކީ ވީއެމްސީ، އެޗްޑީސީން ގުޅިގެން ހިންގާ 'ރީޖެނެރޭޓިވް ޓޫރިޒަމް' އިސްނެގުމެކެވެ.
މި މަޝްރޫއުގެ ދަށުން، ކަނޑުގެ އަޑީގައި އޮތް ދެ މަތިންދާބޯޓު ވަނީ މަސްނޫއީ ފަރެއްގެ ގޮތުގައި އަލާކޮށް، ދިގު މުއްދަތަކައް ކުރިއައް ގެންދާ މުރަކަ އިންދުމުގެ ނިޒާމަކާއެކު ތަރައްގީކޮށްފައެވެ. މިއީ ތިމާވެށި އާލާކުރުމަށާއި، ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސަރަހައްދަކަށްވާއިރު މި މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ މުރަކަ އިންދުމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީގެ ޓީމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓް. ގެސްޓްހައުސް އަދި ވޮލަންޓިއަރުން ހިމެނޭ ޑައިވް ޓީމުތަކުގެ ފަންނީ އެހީތެރިކަމާއެކު، ބައިވެރިންނަށް މުރަކަ ގެންގުޅޭނެ ގޮތާއި އިންދާނެ ގޮތުގެ އިރުޝާދާއިއެކު ސައިންޓިފިކް އުސޫލުތަކާއި އެއްގޮތުގެ މަތިން ކަމަށެވެ.
