މާލެއިން ބިން ދޫކުރަން އެންމެ ރަނގަޅު ޕްރޮގްރާމަކީ 'ވެށިފަހި މާލެ' ޕްރޮގްރާމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރަށްވެހިންނަށް ބިން ދޫކުރުމަށް ހިންގި ބިންވެރިޔާ ސްކީމްއާއި މާލެއިން ފްލެޓް ދިނުމަށް ހިންގި ގެދޮރުވެރިޔާ ސްކީމާ މެދު ހިޔާލު ތަފާތުވުންތައް އުފެދި ގިނަ ބަޔަކު އެ ސްކީމްތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ސްކީމްތަކުން ރައްޔިތުންނަށް ބިމާއި ފްލެޓްތައް ދިނުން ލަސްވެގެން ދިއުމާ ގުޅިގެން އެމްޑީޕީން އަަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާލެ ބިމުގެ ބަހުސް އެބަ ހިނގާ ކަން ފާހަގަ ކުރައްވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެއިން ބިން ދޫކުރަން އެންމެ ރަނގަޅު ކަމަށް ފެނިވަޑައިގަންނަވަނީ އަދިވެސް 'ވެށިފަހި މާލެ' ޕްރޮގްރާމް ކަމަށެވެ. އަދި މާލެ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭ ގޮތް ވުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވިއެވެ.

ޒަމާނުއްސުރެ މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫން ކަން އެމަނިކުފާނު ނެރުއްވި ފޮތް ' ކިއްލާ މާލެ، ފޮތުގައި ވެސް ބުނެފައިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިސާލަކަށް 1750 ގައި މާލެ ބޯ ހިމެނި ނަމަ ފެންނާނީ މާލެގައި ގިނައިން ދިރިއުޅެނީ ސަރަހައްދީ ކަރަ ތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްރަށުގެ މީހުން ކަަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރިއާ ހަމައަށް އެއީ ކެލާ އެދުރު ކަލޭފާނު ގޯތި ކަމަށާއި އައްޑޫ ސިއްކަގެ އެއީ މިހާރުގެ ސިއްކަގެ އިން ފެށިގެން މާލެ އުތުރު އަތިރިއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. މާލޭގައި ކޮންމެ ރަށަކަށް ހެން ގެއެއް ހުންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 1750 ގައި ގިނަވާނީ ބަބުރުން، މަލާބާރުން، ތުރުކީ އަދި މިހެން ގޮސް މި ބާވަތްތަކުގެ ސަރަހައްދީ ރަށްރަށުގެ މީހުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މާލެއިން ބިން ދޫކުރަން އެންމެ ރަނގަޅު ޕްރޮގްރާމްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވި ވެށިފަހި މާލެ ޕްރޮގްރާމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ފެއްޓި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް އިއުލާންކުރީ 2011 ވަނަ އަހަރެވެ. އެއީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި 30 ޖޫން 2011 ގެ ނިޔަލަށް ރަޖިސްޓްރީ ވެފައިވާ މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފައެވެ.

އެ ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެ އަދި ގުޅީފަޅުން ފުލެޓް ދިނުމާއި ބިން ދޫކުރުން ކުރިއަށް ގެންދިޔައެވެ. އެ ފުލެޓް ތަކަށް އެދި 22000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އެ ޕްރޮގްރާމް ވަނީ ހުއްޓާލާފައެވެ.