އިސްލާމިކް މިނިސްޓްރީއިން ކުރިއަށް ގެންދަން ނިންމާފައިވާ 2 ވަގުފް މަޝްރޫއުކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްގަމް މަޝްރޫއުއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިން ހަމަޖެއްސުމާއި ގުޅޭ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްއެވެ.
ޝަހީމް ވިދާޅުވީ ބީއެމްއެލްއިން ފައިނޭންސިން ދިނުމަކީ މިއީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ވަގުފް މަޝްރޫއުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
އަމާޒަކީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަގުފް މަޝްރޫއުތައް ނިމި މިކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެން ދިއުން ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ގައުމުގެ ތަރައްގީއާއި އިޖުތިމާއީ ކުރިއެރުމަށް ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތަކުގައި ގައުމީ ބޭންކުގެ ގެ ހައިސިއްޔަތުން ބޭންކުން ބައިވެރިވެ އެހީތެރިކަން ދިނުމަކީ ބޭންކުގެ އަމާޒެއް ކަމަށެވެ. އަދި މިއަދު ސޮއިކުރެވިގެންދިޔަ ފަހުމުނާމާއަކީ އިސްލާމީ ފައިނޭންސްގެ ދާއިރާއިން އެ ބޭންކު ކުރިއަށް ދިއުމަށް ކަޑައްތު ކުރެވުނު މުހިއްމު ހަރުފަތެއް ކަމަށެވެ.
މާލޭގައި ބިނާ ކުރާ ދާރުލް އަރްގަމް މަޝްރޫއު މިދިޔަ ހަފްތާގައި ވަނީ އާރުސީސީއާއި ހަވާލުކޮށްފައެވެ. މި މަސައްކަތް އާރުސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް 39،462،545.08 ރުފިޔާއަށެވެ.
