އަތޮޅުތެރޭގެ ގާއިމް ކުރެވޭ އޭޓީއެމްތަކަކީ މާލީ ދުވެލި ރަނގަޅުވުމަށް ލިބުނު ބާރެއް ކަމަށާއި އަތޮޅުތެރޭ އޭޓީއެމްތަކުން ދުވާލަކު 25.7 މިލިއަން ރުފިޔާއަށް ދައުރުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމުގެ ސަބަބުން އިގްތިސޯދީ ގޮތުން ލިބެމުން އަންނަ ކުރިއެރުންތައް ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ، އޭޓީއެމްތައް މެދުވެރިކޮށް 230،000 މުއާމަލާތް ކޮށްފައިވާ ކަމަށެވެ. ޖުމްލަ 203 މިލިއަން ރުފިޔާ އޭޓީއެމްތައް މެދުވެރިކޮށް ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި މި ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވަނުމަކީ މާލީ ދުވެލި ރަނގަޅުވުމަށް ލިބުނު ބާރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބީއެމްއެލްގެ ވިއުގަ ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ކުރެވޭ މުއާމަލާތްތަކަށް ބަލާއިރު، މާލެ ސިޓީގައި ދުވާލަކު 14،000 މުއާމަލާތް ކުރެވޭއިރު، އޭތީއެމްތަކުން 79 މިލިއަން ރުފިޔާ ދައުރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި ދުވާލަކު 9،300 މުއާމަލާތް ކުރެވޭއިރު، 25.7 މިލިއަން ރުފިޔާ އޭޓީއެމްތައް މެދުވެރިކޮށް ދައުރުވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ފޯރުކޮށް ދިނުމަށް މި ސަރުކާރުން އިސްނަގައިގެން ބީއެމްއެލްއާ ގުޅިގެން ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ. 2024ގެ ކުރިން އޭޓީއެމް ހުރީ 72 ރަށެއްގައި ކަމަށާއި މިދިޔަ އަހަރު 9 އޭޓީއެމް އެއް ބަހައްޓާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ނަމަވެސް މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ދިނުމަށް ފެށި މަޝްރޫއާއެކު މިއަހަރު ތެރޭ 130 ރަށެއްގައި މިހާރު އޭޓީއެމް ބަހައްޓާފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު 180 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި މިހާރު މި ހިދުމަތް ނުދެވެނީ އެންމެ ދެ ރަށަށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
