މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ 3 މަސް ތެރޭ 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއޭސީއެލް އިން ބުނީ މި ތަމްރީން ޕްރޮގްރާމްތަކަކީ އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ހިންގި ޕްރޮގްރާމްތަކެއް ކަމަށެވެ.

އެގޮތުން މިދިޔަ ތިން މަސް ތެރޭގައި ހިންގި ތަމްރީން ޕްރޮގްރާމްތަކުގައި 7,773 ބައިވެރިން ބައިވެރިވެފައިވާކަމަށާއި، މި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދީފައިވަނީ އެމްއޭސީއެލްގެ ޓްރެއިނަރުންކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނީ އެމްއޭސީއެލްގެ އޮޕަރޭޝަންސްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުހިންމު ސަރަހައްދުތަކާއި އެކުންފުނިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ދިނުމުގެ ހަތަރު ޓުއާއެއް މިދިޔަ 3 މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މި ޓުއާތަކުގައި ޖުމުލަ 273 ދަރިވަރުން ބައިވެރިވެފައިވާކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އޭވިއޭޝަންގެ ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށްކަމަށާއި، އަދި އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށް ކަމަށެވެ.