ރޭ ފަތިހު އެއާޕޯޓުން ފޭރިގަތް ބޭންކް އޮފް މޯލްޑިވްސްގެ ސޫޓްކޭސް ހިފައިގެން ފިލި ލޯންޗާއި އެ މައްސަލައާ ގުޅެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު، ޓާމިނަލަށް ވަންނަން ދިޔަ އެބޭންކުގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގަތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:45 ހާއިރެވެ.

އެ މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުން ކުރި މަސައްކަތުން އެ މައްސަލައިގައި ބޭނުންކުރި ލޯންޗާއި އެ މައްސަލައާ ގުޅޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރު ވެސް ހިއްސާ ކުރައްވާފައި ނުވެއެވެ.

ވަގަށް ނެގި ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެ ކަމަށާއި އެއީ ބީއެމްއެލްއިން މިއަދު ހެނދުނު ފުރާ ދިވެހިންނަށް ދޭން ހަމަޖެހިފައިވާ ޑޮލަރު ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ފައިސާތައް ފޭރިގަތީ ބީއެމްއެލްގެ ދެ މުވައްޒަފުންނަށް ވަޅިން ބިރު ދެއްކުމަށްފަހު ކަމަށް ވެއެވެ. އަދި ފޭރިގަތް ފައިސާ ހުރި ސޫޓްކޭސް ހިފައިގެން ވަގުން އެއާޕޯޓުން ފިލީ ޖެޓީގައި އޮތް ލޯންޗެއްގަ އެވެ.

މި ވައްކަމުގައި ބައިވެރިވީ ހައްޔަރުކުރި ހަތަރު މީހުން އެކަނި ކަމެއް ސާފެއް ނޫނެވެ. އަދި ވަގަށް ނެގި ފައިސާ ފެނުނު ކަމެއްވެސް ސާފެއް ނުވެއެވެ.

ފޭރުމުގެ މިފަދަ ބޮޑު ހާދިސާއެއް އެއާޕޯޓުގައި ހިނގިއިރު، އެއާޕޯޓުން ނުކުންނަ ދިމާލާއި ބްރިޖަށް އަރަން އޮންނަ ދިމާ ކައިރީގައި ފުލުހުންގެ ޕޮލިސް ޕޯސްޓެއް ވެސް ގާއިމުކޮށްފައިވެއެވެ.