ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1)އިން ޗޮންޗިން އެއާލައިން އަދި ބްރިޓިޝް އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ޗޮންޗިން އަދި ބްރިޓިޝް އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ 2 ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެގޮތުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗޮންޗިން އެއާލައިންގެ ފުރަތަމަ މަތިންދާބޯޓް OQ2393 ރާއްޖެ އައި 79 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެމްއޭސީއެލްއިން ބުނީ ޓާމިނަލް 1އިން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައިވާ ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބްރިޓިޝް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓް BA061 އިން ރާއްޖެ އައި 122 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވާކަން އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.
ޗައިނާ ސަދާން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖޫން 24، 2024 ގައެވެ. އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން ކަމަށްވާ ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށީ އޮކްޓޫބަރު 26، 2009 ގައެވެ.
ޗޮންޗިން އެއާލައިންއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 12 ވަނަ އެއާލައިން ކަމަށްވާއިރު، ބްރިޓިޝް އެއާވޭސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 13 އެއާލައިން އެވެ.
އެމްއޭސީއެލްއިން ބުނީ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
