މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ޑިޒައިން މަރުހަލާ ފަށަން ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފި އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކޮންގް ޝެންހުއާ އެވެ.

ސޮއިކުރި މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށަނީ މަގުތައް ހަދަން ޑިޒައިންކުރުމުގެ މަރުހަލާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. މި މަޝްރޫޢުގެ ދަށުން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްގީކުރުމާއެކު، ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑްކުރުމާއި، ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކުރެވޭނެއެވެ.

އަދި ވިލިމާލޭގައި 5.6 ކިލޯމީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގައިވެސް މަގުތަކުގެ އަޑިން އަޅަންޖެހޭ ކަރަންޓާއި ނަރުދަމާ ނިޒާމާއި ފެން ހިންދާ ނިޒާމު އެޅުމަށް ހަމަޖެހިފައިވެއެވެ.

ޒަމާނީ ފެންވަރަކަށް މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫއު ނިމުމުން، މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ.