އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި 40 ފޫޓުގެ 2 ކޮންޓޭނަރު ސިނގިރޭޓު ވަގަށް ނަގުމަށްފަހު، އެހެން ތަނަކަށް ކޮންޓެއިނަރުތައް ގެންދިޔުމަށް ބޭނުން ކުރި ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު، 54، އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް ވަނީ ޖަހައިފައެވެ. އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ އެ ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އޭނާގެ މައްޗަށް ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށެވެ.

މިދިޔަ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ، އެ 2 ކޮންޓޭނަރު ބަލަހައްޓާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލު ކޮށްފައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި މިހާތަނަށް 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ކުރިން ހައްޔަރުކުރީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)، ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އަދި މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރު، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއްކަމުގައި ޒިވާރު އިސްމާއީލްގެ އިތުރުން ހަސަން އަބްދުއްރަހްމާން ކިޔާ މީހެކެވެ.

މި އެންމެންވެސް ބަންދުގައި ތިބިއިރު ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކ. ތިލަފުށީގެ އެކިއެކި ސައިޓުތައް ބަލައިފާސްކުރުމަށް އޮކްޓޯބަރު 19، 2025 ވަނަ ދުވަހުގެ އޮޕަރޭޝަންގައި އެ 2 ކޮންޓޭނަރުގެ ބައިތައް ފެނިފައިވާކަމަށެވެ.