ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިިނގާފައި އޮތުމަކީ މި ވެރިކަމުގައި އަދި ދެން އަންނަ ވެރިކަމުގައި އެކަން ހަމަ އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ވިއްކާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ސަރުވަޝް ވިދާޅުވީ އެ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާ، ނަޒާހަތްތެރިކަން އަދި މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭން ސެކަންޑްރީ ބާޒާރުގައި ގަނެ ފަސް އަހަރު ދުވަހުގެ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ ހުށަހަޅާފައެވެ. މި ބޮންޑު ގަންނަން، އެމްއެމްއޭއިން ދައްކާ ފައިސާއިން 2.4 ބިލިއަން ރުފިޔާގެ ސަރުކާރުގެ އާ ބޮންޑެއް ގަންނަން ޕެންޝަން ފަންޑުން އިންވެސްޓްކުރަން ޖެހެއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިކަން ކުރަނީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ނުދެއްކި ގިނަ ދުވަސްވެފައި ހުރި ބިލްތައް ދައްކާ ހަލާސްކުރުމަށް ކަމަށެވެ.