ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް 11ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވީ އެގްޒޯސްޓަރަކުން ކަރަންޓު ޝޯޓުވެގެން ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ހިޔާ ފްލެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:25 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހިޔާ ފްލެޓް 11 ވަނަ ޓަވަރުގެ 3 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައިވާ އެގްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެން ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާއިރު މި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން އެޕާޓްމަންޓުގެ ބެލްކަންޏަށް ބައެއް ގެއްލުންތައް ވެފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.