4 ރަށެއްގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރަން ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ "ބިލްޑިން ކްލައިމެޓް ރެސިލިއަންޓް ސޭފާ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕާރޭޝަން އެޖެންސީ (ޖައިކާ) ގެ ހިލޭއެހީގައި، ޖައިކާއާއި ދިވެހި ސަރުކާރާގުޅިގެން ހިންގާ މަޝްރޫއުއެކެވެ. މި މަޝްރޫއު ހިންގުމަށް، 2023 ވަނަ އަހަރު ޖައިކާއާއެކު ދިވެހިސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މަސައްކަތް ކުރުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ 4 ރައްތަކަކީ އައްޑޫ ސިޓީ މީދޫ، ލ. ފޮނަދޫ، ލ. ގަން، އަދި ލ. އިސްދޫ ކަމަށް ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތްތަކުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާގުޅޭ ގައުމީ ފެންވަރުގެ ސިޔާސަތެއް އެކުލަވާލުމާއި، އެ ސިޔާސަތުގެ ދަށުން ދެމެހެއްޓެނިވިގޮތެއްގައި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ ރަށު ފެންވަރުގެ ޕްލޭންތައް ހެދުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިހާތަނަށް މި މަޝްރޫއުގެ ދަށުން ހަތަރު ރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރާނެ ގޮތްތަކުގެ "ބޭސިކް ޑިޒައިން" އެއް އެކުލަވާލާފައިވާކަމަށާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމާގުޅޭ ގައުމީ ފެންވަރުގެ ސިޔާސަތުގެ ޑްރާޕްޓެއް ތައްޔާރުކޮށް، ކަމާގުޅޭ ދާއިރާތަކުގެ ހިޔާލު ހޯދާފައިވާކަމަށެވެ.

އަދި މި އެކުލަވާލާ ސިޔާސަތުގެ ދަށުން ހަދަން ހަމަޖެހިފައިވާ ރަށު ފެންވަރުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ ފެށިފައި ކަމަށާއި، މީގެ އިތުރުން ގޮނޑުދޮށްތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް މުހިއްމު ޑާޓާ އެއްކުރުމާބެހޭ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތުގެ ދަށުން ތިން ޓޫލް އެއް ފަރުމާކޮށް ނިމިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސޮއިކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު ވަނީ ގިނަވެގެން 6 މަސްދުވަސް ތެރޭގައި 4 ރަށުގެ ޑީޓެއިލްޑް ޑިޒައިން ތައްޔާރުކޮށް ނިންމާލެވޭނެކަމަށާއި، އަދި ޑީޓެއިލްޑް ޑިޒައިން މަސައްކަތާ އެކުއެކީގައި ކޮންޓްރެކްޓާ އެއް ހޯދުމަށް ކުރަންޖެހޭ ޓެންޑަރިން މަސައްކަތްތައްވެސް ފެށިގެން ދާނެކަމަށް ވިދާޅުވެފައެވެ.