2.5 ބިލިއަން ރުފިޔާ ޗާޕުކޮށް ޕެންޝަން ފަންޑުން ނެގުމަށް މި ސަރުކާރުން ނިންމާފައިވާކަމަށާއި، މިއީ މިހާތަނަށް ގެންގުޅެމުން އައި ހުރިހާ ހަމަތަކެއް މުގުރާލުންކަމަށް އެމްޑީޕީން ބުނެފިއެވެ.

ސަރުކާރުން ރަސްމީ ނިޒާމުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް ކަމަށް ބުނެ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފައިސާ ޗާޕުނުކުރުމަކީ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެއް ކަމަށެވެ.

އެމްޑީޕީން ބުނީ ކަންކަން ކުރެވޭ ވަރަށް ދައުލަތައް ކޮންމެ މަހަކު ފައިސާ ލިބޭ ކަމަށާއި، ލޯނު ނެގުމާއި ފައިސާ ޗާޕުކުރުން ފަދަ ކަންކަން ކޮށްގެން ދައުލަތަށް ފައިސާ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް މިހާރު ސަރުކާރު ކުންފުނިތަކާއި ބޭންކުތަކުން އިތުރަށް ނަގާނެ ފައިސާ ނެތުމުން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް ނިންމާފައިވާކަމަށެވެ.

އެމްޑީޕީން އިތުރަށް ބުނީ މިއީ ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ނުރައްކާތެރިކަމެއް ކަމަށާއި، މިއީ މިހާތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހާ ހަމަތަކެއް މުގުރާލައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

ކޮވިޑު 19 އާއި ގުޅިގެން މުޅި ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް އައި ނާޒުކު ދަނޑިވަޅުގައިވެސް ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، ގޭހާއި ބޭސްފަދަ ޒަރޫރީ ތަކެތި ލިބުން ހުއްޓުމަކަށް ނައިސް ފޯރުކޮށްދެވުނުކަމަށާއި، މިކަންކަން ކުރެވުނީ އެމްއެމްއޭ އެޑްވާންސްކޮށް ފައިސާ ނަގައިގެން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި ސަރުކާރުން ކުއްލިއަކަށް 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމައިފައި މިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ މިއީ ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިތުރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެ ކަމެއް ކަމަށާއި، ޢައިރު ގާނޫނީ ކަންކަމުގައި ބައިވެރިވެ، އެއްބާރުލުން ދިނުމަކީ މި ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.