އާސަންދައިގެ ހިދުމަތް ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް ނުލިބޭތީ އެކަމުގައި މެންބަރުންގެ ހިޔާލު ހޯދުމަށް ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު، މި ގަރާރުު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އޭނާ ހުށަހެޅުއްވި ގަރާރުގައި ވަނީ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ފިޔަވައި ދިވެހީންނާ ދެމެދު އެއްވެސް ހައްގެއް ލިބިދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތްކަން ގާނޫނުއަސާސީގައި ފާހަގަކޮށްފައިވާ ކަމަށެވެެ. ދިވެހީންގެ ތެރެއިން ގިނަ މީހުން މިހާރު ވެސް ބިދޭސީންނާ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަކަން ފާހަގަކޮށް މި ގަރާރުގައި ވަނީ އެ ކައިވެނިތަކަށް ދަރިން ލިބި، ބޮޑެތިވެފައިވާކަމަށެވެ.

އެކަމަކު، އާސަންދަ ލިބެނީ ހަމައެކަނި ދިވެހީންނަށްކަން ފާހަގަކުރައްވާ މުހައްމަދު އިބްރާހީމް ވަނީ ބިދޭސީންނަށް ދިވެހި ރައްޔިތުކަން ލިބެން އޮތް ހަމައެކަނި ގޮތަކީ ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުން ދިވެހި ރައްޔިތަކަށްވުން ކަމަށެވެ. އެހެންނަމަވެސް އެ ގާނޫނަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާތީ ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އެ ފުރުސަތު ހޯދައިދެވިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ގަރާރުގައި ބުނެފައިވަނީ ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން މުސްކުޅިވެ، ލޯބޯ ކޮށިވެ، ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަން ޖެހިފައިވުމުގެ ސަބަބުން ސިއްހީ ހަރަދުތައް ހޯދަން ދަތިވެފައިވާ ކަމަށެވެ. އަދި ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބައެއް ބިދޭސީންނަކީ ރާއްޖޭގައި އެތައް އަހަރެއް ހޭދަކޮށް ވަޒީފާ ހޯދައި އާމްދަނީ ހޯދުމަށްޓަކައި މަސައްކަތްކުރި މީހުން ކަމަށް މި ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ މީހުންނަށް އަޅާލައި ދައުލަތުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ އެ މީހުންގެ ވެސް ހައްގެއް ކަމަށެވެ.

މީގެ އިތުރުން މި ގަރާރުގައި ވަނީ ގާނޫނުއަސާސީގައިވާ ގޮތުން މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ދައުލަތުން ހާއްސަ ކަންތައްތަކެއް ކޮށްދެވިދާނެކަން އެނގެން އެބައޮތްކަން ފާހަގަކުރައްވާފައެވެ.