ބައިބައިވެގެން އައްޑޫ ސިޓީއަށް މޮޅެއް ނެތް ކަމަށާއި ބޭނުންވަނީ އެ ސިޓީގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުކުރެވޭނެ ގޮތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ގެނައުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މި މަހުގެ 25 ގައި ބާއްވަން ތައްޔާރުވަމުން އަންނައިރު، މިއަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ ބައިބައިކުރުމުން ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އެ ސިޓީގެ ތަރައްގީއަށް ބޭނުންވަނީ އައްޑޫގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުކުރެވޭނެ ގޮތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިކަމުގައި އެމަނިކުފާނަށް ފެންނަ ގޮތް ހާމަކުރައްވަމުން ނަޝީދު ވަނީ ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރަން ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއްކަމުގައި ހާމަކުރައްވާފައެވެ. އަދި އިސްލާމީ އުންމަތުގައި މި ފަދަ ފުރުސަތުތަކުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި، ޑޮކްޓަރުންނާއި، ޓީޗަރުން އަދި އެ ނޫން ވެސް ފަންނީ މީހުން ބައިވަރު ތިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އައްޑޫ އަތޮޅަށް، އައްޑޫ ސިޓީއެއްގެ ދަރަޖަދީފައިވަނީ ނަޝީދުގެ ވެރިކަމުގައެވެ. އޭރުވެސް މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ މި ނިންމުން ބަދަލުކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.