މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް ގުޅިގެން ހިންގި "ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ" ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް އިން ގިރިފުށީގައި އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވިއެވެ. އެގެތެރޭގައި ހިމެނެނީ އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި، ސަރަހައްދީ ދެ ޕޯޓް ކަމަށްވާ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
މި ކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ، ޑީ.ސީ.ޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާނެވެ.
މިއީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި، ސަރަހައްދީ ބަނދަރުތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލްކަމާއި ހުނަރު އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފްއާ ގުޅިގެން ހިންގާ ކޯހެކެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އެމް.އެން.ޑީ.އެފް އާއި އެމް.ޕީ.އެލްއިން ގުޅިގެން ބާއްވަން ފެށި ކޯހެކެވެ.
މި ތަމްރީނުގެ މައިގަނޑު މަގްސަދަކީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް، ސެކިއުރިޓީންގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމެވެ. އަދި މީގެއިތުުރުން، މާލޭ ސަރަހައްދުގެ ބަނދަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގާބިލްކަން އިތުުރު ކުރުމެވެ.
މި ކޯހުގައި ކުއްލި ހާލަތުގައި އަމަލު ކުރާނެ ގޮތާއި، ސެކިއުރިޓީ ޑްރިލްތަކާއި، މަސައްކަތުގެ އަހްލާގު ހިމެނޭ އަމަލީ ތަމްރީނުތަކާއެކު، އައިއެސްޕީއެސް ކޯޑަށް އަމަލު ކުރުމާއި، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިޓައިމް ސޭފްޓީ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަންތައް ކުރިއަށް ގެންގޮސްފައި ވެއެވެ. މި ކޯހުގެ ފަހު ތަމްރީނުގެ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ޕޯޓް ސެކިއުރިޓީ ޑްރިލްއެއް ވަނީ ބާއްވާފައެވެ. އަދި މި ކޯހުގައި އައިއެސްޕީއެސް ކޯޑާ އެއްގޮތަށް އޮޕަރޭޝަނަލް ތައްޔާރީ އިތުރު ކުރުމާއި، ބަނދަރުގެ ރައްކާތެރިކަމާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތާ ގުޅޭ ތަމްރީނުތައް ފޯރުކޮށްދީފައި ވެއެވެ.
ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެެ ސަލާމަތީ ފިޔަވަޅުތައް މިހާރަަށް ވުރެ ހަރުދަނާކޮށް، އެކަން ބެލެހެއްޓުމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރުމަށް، ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން އެމްޕީއެލް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.