ގަވާއިދާ ހިލާފަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓު ކަސްޓަމްސްއިން ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުރި 199 ސިނގިރޭޓް ކޭސް މިއަދު ކ. ދޫނިދޫގައި ނައްތާލާފައިވާ ކަމަށެވެ. އަދި އެއީ ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ބަލައި ފާސްކުރުމުގެ ތެރެއިން ހޯދާފައިވާ ތަކެތި ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

199 ސިނގިރޭޓު ކޭހުގައި 3,183,040 މިލިއަން ސިނގިރޭޓު ހުންނާނެއެވެ. މި ތަކެތި ހިފެހެއްޓީ ކޮންއިރަކު ކަމެއް ކަސްޓަމްސްއިން ހާމަކޮށްފައި ނުވެއެވެ.

މިހާ ގިނަ އަދަދެއްގެ ސިނގިރޭޓު ނައްތާލިއިރު ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކަސްޓަމްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ނައްތާލުމުގެ ތެރެއިން

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ މި ކޮންޓެއިނަރުތައް ގެއްލިފައިވާކަން ފަޅާއަރާފައި ވަނީ މިދިޔަ ހަފުތާގައެވެ. ދެ ކޮންޓެއިނަރުގައި ހުރި ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ހުރިއިރު އެ މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މުވައްޒަފުންތައް ސަސްޕެންޑް ކޮށްފައިވަނީ އެމްޕީއެލުން ކުރަމުންދާ އެތެރޭގެ ތަހުގީގަށް ބިނާކޮށެވެ.

އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އެ މީހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުވެސްކޮށްފައެވެ. ވަގަށް 1،360 ކޭސް ސިނގިރޭޓު ނަގަން ރޭވުމާއި އެ އަމަލު ހިންގުމަށް ފަންޑުކުރި ކަމަށް ތުހުމަތުކުރަނީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަށެވެ. އޭގެ ތެރެއިން ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.