ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތްތަކެއް ކުރިއަށް ހަތަރު ފަސް އަހަރުގެ މުއްދަތަށް ހުއްޓާލުން މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެން ވެރި ކަމަށް އަންނަ ރައީސަކު ވައުދު ވާންވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ "އިހަށް މަޑުކޮށްލާ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންކްރީޓަކީ ތަރައްގީއެއް ނޫން ކަމަށާއި އެއީ ގިނަ ފަހަރު ދަރަނި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ "ބަޖެޓް ސާޕްލަސް (ބާކީ)" އަދި ރިޒާވް އިތުރުކުރުމާއެކު ދަރަނި ކުޑަ ކުރެވިގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވާން އުޅޭ ގޮތް ދިވެހިންނަށް އެނގޭނެ ކަމަށާއި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ދިވެހިންނަށް ސާފުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.