ކައިރި ކައިރީ އެއާޕޯޓު އެޅުމަކީ ދަތުރުފަތުރުގެ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އުތުރުގައި 4 އެއާޕޯޓު އޮއްވާ އިތުރު 4 އެއާޕޯޓު 19 މިނެޓާއި 36 މިނެޓު ތެރޭ ލޯންޗުގައި ދަތުރުކޮށްފައި ދެވޭ ދުރުމިނެއްގައި އެޅުމަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގްތިސޯދު ދަށަށް ދާނެ ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ މިކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި، ކައިރި ކައިރީ އެއާޕޯޓު އެޅުމަކީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ ހަރުދަނާ ޕްލޭނެއް ނެތް ކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މިއީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މިލަންދޫގެ އެއާޕޯޓު ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި އަދި ށ. ބިލެއްފަހީގެ އެއާޕޯޓު ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ވަނީ އިއުލާނުކުރައްވާފައެވެ.
ރަށުގެ ތަރައްގީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ މުހިންމު ފައިދާކުރުވަނިވި މަޝްރޫއުތަކެއް ކަމަށެވެ.
ބިލެއްފައްސާއި މިލަންދޫއަކީވެސް ކައިރީގައި އޮތް ދެ ރަށަށް ވާއިރު އެ އަތޮޅު ފުނަދޫގައިވެސް އެއާޕޯޓެއް އޮވެއެވެ. މި އެއާޕޯޓަށް މާލެއިން ފުނަދޫ އަދި ފުނަދޫ އިން މާލެއަށް ހަފްތާއަކު 3 ފްލައިޓެއް އޮވެއެވެ.