މޯލްޑިވްސް ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ ވިޔަފާރިތަކާއި އާންމު މީހުންގެ ނަންތައް އާންމުކުރަން ނިންމައިފިއެވެ.

ކަސްޓަމްސް އިން މިއަދު ގެޒެޓުކުރި އުސޫލުގައިވާ ބުނެފައި ވަނީ، ފައިސާ ދައްކަން އަންގާ އެންގުމުގެ ގިނަ މަރުހަލާއެއް ފަސްކޮށް ވެސް ފައިސާ ނުދައްކާ އަދި ފައިސާ ދެއްކުމަށް އެއްބަސްނުވާ ފަރާތްތަކުގެ ނަމާއި، ވިޔަފާރިއެއް ނަމަ ވިޔަފާރި ރަޖިސްޓްރީ ނަންބަރުފަދަ މައުލޫމާތުތައް އާންމުކުރާނެ ކަމަށެވެ.

އެގޮތުން އެ މައުލޫމާތުތައް ޝާއިއުކުރާނީ ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ވެބްސައިޓާއި މީސް މީޑިއާ ހޭންޑުލްތަކުގައި ކަމަށް ވެސް އެ މުއައްސަސާއިން ވަނީ ބުނެފައެވެ. އެގޮތުން ނަން އާންމު ކުރަން ހަމަޖެހިފައިވާ މަރުހަލާ ތަކަކީ:

  • ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 10،000ރ. އަށް ވުރެ މަތިވާނަމަ
  • މައުލޫމާތު އާންމުކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ލިޔުމުން އެފަރާތްތަކަށް އަންގުމުންވެސް ފައިސާ ނުދައްކާނަމަ
  • ފައިސާ ނުދައްކާނަމަ ނުވަތަ ފައިސާ ދެއްކުމަށް ކަސްޓަމްސްއާއެކު އެއްބަސްވުމަކަށް ނާދެވޭނަމަ ފުރަތަމަ މަރުހަލާގެ ގޮތުގައި ކަސްޓަމްސް ވެބްސައިޓުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރާނެ
  • އަދި އެއަށްފަހު 15 ދުވަސް ފާއިތުވެގެން ވެސް ފައިސާ ނުދައްކާނަމަ ނުވަތަ ފައިސާ ދެއްކުމުގެ އެއްބަސްވުމެއް ނަހަދާ ނަމަ ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު ގެޒެޓުކޮށް ކަސްޓަމްސްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކުގައި ހާމަކުރާނެ

ކަސްޓަމްސްއިން ބުނީ، އާންމުކުރާ މައުލޫމާތުތަކުގެ ތެރޭގައި ނަމާއި، ދާއިމީ އެޑްރެސް ނުވަތަ ކަސްޓަމްސް ރެޖިސްޓްރީ ނަންބަރު، ވިޔަފާރި ރެޖިސްޓްރީ ނަމްބަރު، ނަން ހާމަކުރާއިރު ނުދައްކާ އޮތް ފައިސާގެ އަދަދު އަދި ފައިސާގެ ބާވަތް/ފައިސާ ދައްކަން ޖެހޭ ސަބަބުގެ ތަފްސީލު ހާމަ ކުރާނެ ކަމަށެވެ.

ނަމަވެސް ދައުލަތުގެ އިދާރާތްތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ ތެރެއިން ހިނގަމުންދާ ޕްރޮޖްކްޓް/ޕްރޮޖެކްޓް ހިންގާ ފަރާތްތަކާއި ނިޔާވެފައިވާ ފަރާތްތަކުގެ ނަން ހާމަ ނުކުރާނެ ކަމަށް ވެސް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ފައިސާ ދައްކަން ޖެހޭ މީހުންގެ ތެރެއިން މިއުސޫލުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކުރާނެ ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.