ކޮޅުވެއްޓި ބަންޑުން ޖަހާލައި ގެއްލުނު 3 މީހުންގެ ތެރެއިން ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މާލެއިން ފުރައިގެން 7 މީހުންނާއެކު އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ކޮޅުވެއްޓިން ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން 4 މީހަކު ސަލާމަތްކޮށްފައިވާއިރު ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

އަދި ބާކީ ތިބި ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދެވަނަ މީހާގެ ވެސް ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ދާދި ދެންމެއަކު މައުލޫމާތު ދީފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ އަޑިން ކަމަށާއި ތިންވަނަ މީހާވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ.އެރިޔަދޫ ކައިރިއަށް ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާއި ގުޅިގެން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގެއްލުނު މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، އާންމު ހާލަތަކަށް އައުމަށާއި ފަޅުވެރީންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް ވެސް ރައީސް ވަނީ ދުއާ ކުރައްވާފައެވެ.

މީގެ އިތުރުން ވެސް ‏ރައިސް ވަނީ މޫސުން ގޯސް ހާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރާ ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގެންފައެެވެ.