"އަލްމާކް ފިޔަ" ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާ ނިސްބަތްވާ މީހަކާއި ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ އެ ކޮޅުވެއްޓި (ލޭންޑިން ކްރާފްޓް) ބަންޑުން ޖަހާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ ކޮޅުވެއްޓީގައި ދަތުރުކުރަމުންދިޔަ 7 މީހުންގެ ތެރެއިން 4 މީހަކު އެމްއެންޑީއެފްއިން ކުރި މަސައްކަތުން ވަނީ ސަލާމަތްކޮށްފައެވެ. އަދި ގެއްލުނު 3 މީހުން ހޯދުމަށް އެމްއެންޑީއެފްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ގެއްލިގެން ހޯދަމުންދިޔަ މީހުންގެ ތެރެއިން ދިވެއްސަކު ކަނޑުއަޑީގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. ފުލުހުން ބުނީ ދެން ގެއްލިގެން ހޯދަމުންދާ އިންޑީއާ ނިސްބަތްވާ މީހާ އަދި ސްރީލަންކާއަށް ނިސްބަތްވާ މީހާ ތަނަށް ފެނިފައިނުވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ ގއ.ދާންދޫ، ސަރުސޫނުގެ އުމުރުން 38 އަހަރުގެ އަހުމަދު ޝިފާންއެވެ.

ބަންޑުން ޖަހާލި ކޮޅުވެއްޓި އަޑިއަށް ގޮސްފައިވާއިރު ކޮޅުވެއްޓި އަޑިއަށްގޮސްފައި ވަނީ ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކަމަށް އެމްޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ކޮޅުވެއްޓީގެ ބައިތައް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.