ރޭ ދަންވަރު ބަންޑުން ޖަހާލި ""އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓީގެ ބައިތައް އޮޔާދާތީ ސަވާލުވުމަށް އެމްއެންޑީއެފްއިން އެދިއްޖެއެވެ.

އެ ކޮޅުވެއްޓި ބަންޑުންޖަހާލާފައި އަޑިއަށްގޮސްފައި ވަނީ ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކަމަށް އެމްޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

އެމްޑީއެފްއިން ބުނީ އުޅަނދުގެ ބައިތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށް ކަމަށެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

7 މީހުންނާއެކު މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ އެ ކޮޅުވެއްޓި (ލޭންޑިން ކްރާފްޓް) ބަންޑުން ޖަހާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ ކޮޅުވެއްޓިން ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން 4 މީހަކު އެމްއެންޑީއެފްއިން ވަނީ ސަލާމަތްކޮށްފައެވެ. އަދި 3 މި ހާދިސާގައި 3 މީހަކު ގެއްލުނުއިރު، އެ މީހުން ހޯދުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިފައިވެއެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ ގއ.ދާންދޫ، ސަރުސޫނުގެ އުމުރުން 38 އަހަރުގެ އަހުމަދު ޝިފާންއެވެ.