"އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެކަކު މަރުވެ 2 މީހަކު ގެއްލިއްޖެއެވެ.

މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ އެ ކޮޅުވެއްޓި (ލޭންޑިން ކްރާފްޓް) ބަންޑުން ޖަހާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ކޮޅުވެއްޓިން ދަތުރުކުރަމުންދިޔަ 7 މީހުންގެ ތެރެއިން 4 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށެވެ.

އެ ކޮޅުވެއްޓި މިހާރު އަޑިއަށް ގޮސްފައިވާ ކަމަށާއި ގެއްލުނު 3 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވަ ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 8:04 ހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. ފުލުހުން ބުނީ މި ހާދިސާގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

ގެއްލުނު 2 މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ މަސައްކަތް ކުރަމުންނެވެ.