ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ކުރި ހުކުމް، އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން ތަގިއްޔުއަށް އުފުލީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ އިތުރުން ދެން ދައުވާ އުފުލީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ.
އެ ތިން މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް މިއަހަރުގެ ޖެނުއަރީ މަހު ހުކުމްކޮށްފައި ވާއިރު، އޭގެ ތިން މަސްފަހުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން މިދިޔަ އޭޕްރީލް މަހު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ވަނީ ހައި ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ހައި ކޯޓުން މިއަދު ވަނީ، އެ މައްސަލަ ބަލައިނުގަންނަ ކަމަށް އަންގައި ލިޔުން ފޮނުވާފަ އެވެ.
މައްސަލަ ބޭރުކޮށްލި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، މެއިލްކޮށްފައިވާ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާތީ ކަމަށެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނަގަނީ 300 ރުފިޔާއެވެ.
އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ބުނީ ފައިސާ ދެއްކުމަށް ބުނެފައި އޮތް ނަމަވެސް، އެކަމާ ގުޅޭ ގޮތުން ހައި ކޯޓުގެ ނޯޓިސްއެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ނިންމުން މުރާޖައާކުރަން ހުށަހަޅާނެ ކަމަށާއި އެއީ ހައި ކޯޓުން އަމިއްލައަށް އިސްވެ މުރާޖައާކުރަން ޖެހޭ ނިންމުމެއް ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ދައުލަތުން 10 މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، ހަތް މީހެއްގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދިޔަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި އެ މީހުންގެ ބައި އަނބުރާ ގެންދިޔައީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލުކުރެވޭތީ އެވެ.