ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިންގް އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އަލީ އާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް މަގާމުން ސަސްޕެންޑުކޮށްފިއެވެ.
އެ މައްސަލައިގައި މުއާޒްއާއި ޒިވާރުގެ އިތުރުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެޕޯލޯގެ ވެރިޔާ ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. މުއާޒަކީ ސިނގިރޭޓް ބޭރު ކުރަން ރިޝްވަތަށް އެދުމުގެ މައްސަލާގައި މިހާރު ވެސް ޕީޖީ އަށް މައްސަލަ ލާފައިވާ ފަރާތެކެވެ. މި އެންމެން ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.
އެ މައްސަލައާއި ގުޅިގެން މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުއާޒުގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށައިފައިވާއިރު، އެ ކަންކަން އިދާރީގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ ގަވާއިދުގެ ދަށުން، މުއާޒު 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ސަސްޕެންޝަނާ ގުޅިގެން މިފްކޯގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުހައްމަދު ޝަމީމާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރު އުބައިދުﷲ ހުސައިންއާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ، ސިނގިރޭޓު މައްސަލައަކީ އެ ކުންފުންޏާ ގުޅުމެއް ނެތް މައްސަލައެއް ކަމަށް ވީނަމަވެސް، ކުންފުނީގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް ވަކިން ސަމާލުކަން ދޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަދި ހަމަ އެހެންމެ ކަސްޓަމްސްއިން ޒިވާރު ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އޭނާ ސަސްޕެންޑުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަސްޓަމްސްއިން ހާމަކޮށްފައި ނުވެއެވެ. އަދި ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އެ ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މުއާޒާއި ޒިވާރު މަގާމުން ސަސްޕެންޑުކުރިއިރު އެ މައްސަލައާއި ގުޅުންހުރި އެމްޕީއެލްގެ 6 މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ ސިނގިރޭޓުތައް ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ކަމަށްވާއިރު، އެ ކުންފުނިން ވަނީ އެތެރޭގެ ތަހުގީގެއްވެސް ވަނީ ފަށާފައެވެ.
ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލިފައިވާކަން އެނގުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށްވާއިރު އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހުން ފެށިގެން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. 40 ފޫޓުގެ އެ ދެ ކޮންޓެއިނަރުގައި 1،360 ކޭސް ސިނގިރޭޓޫ ހުއްޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އެހުރިހާ ސިނގިރޭޓެއްގެ ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރާނެއެވެ.