ށ. މިލަންދޫ އިސްލާމީ މަރުކަޒާއި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

ރައީސް މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުު މިލަންދޫއަށް ވަޑައިގެން މި ރަސްމިއްޔާތު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.

އެމްޓީސީސީން ބުނީ 2078 މީހުންގެ އާބާދީއެއް އޮންނަ މިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ސިއްހީ ހިދުމަތް ރަށުގައި ރަނގަޅުވެގެން ދިއުން ކަމަށާއި، އެގޮތުން މިލަންދޫ ހޮސްޕިޓަލްގެ މަސައްކަތް ނިމުމާއެކު ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެންހޯދޭ ސިއްހީ ފަރުވާގެ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 38,087 އަކަފޫޓުގެ ސަރަހައްދެއްގައި 30 އެނދު ހިމެނޭ 2 ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެކަމަށާއި، މީގެ އިތުރުން 2,563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ހިދުމަތްތައް ދިނުމަށް ހާއްސަކޮށ،ް އިމާރާތެއް ބިނާކުރެވޭނެ ކަމަށެވެ. މިއީ 110.87 މިލިއަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތުގެ ދަށުން 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ހޯލެއް ގާއިމުކުރުމާއ،ި 300 މީހުންގެ ޖާގައިގެ މަލްޓ ޕާޕަސްހޯލެއް ގާއިމުކުރުމުގެ އިތުރުން 3 ކްލާސް ރޫމާއ،ި ލައިބްރަރީއެއް ގާއިމުކުރާނެ ކަމަށެވެ. މިއީ 24.99 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭނިންމަން މިކުންފުންޏާ ހަވާލުކޮށް ފައިވާ މަޝްރޫއެކެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާއެކު ހިންގާފައެވެ.