ޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ސިނގިރޭޓް ކޮންޓެއިނާތައް ނެގުމުގެ އޮޕަރޭޝަން ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުން ބުނިގޮތުގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު އެހެން މީހެކެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރުކުރި 4 މީހުންގެ ތެރޭގައި ހިމެނޭ ދެ ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އެވެ. މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އަދި މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގައި ހުރި ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއްކަމުގައި ޒިވާރު އިސްމާއިލްއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މުއާޒަކީ ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހު ފޮނުވާފައިވާ މީހެކެވެ.
ފުލުހުން ބުނީ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން ވަނީ މަނާކޮށް އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅޭ އޮޕަރޭޝަނެއް މިހާރު ވެސް ކުރިއަށް ދާ ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.