ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތައް ކުއްޔަށް ދިން ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް ދޭނަމަ އެ ފްލެޓުތައް އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
4000 ފްލެޓު ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރިތާ މާ ގިނަ ދުވަހެއް އަދި ނުވާއިރު، ފްލެޓް ބޮޑު ކުއްޔަށް ދޫކުރަން ފޭސްބުކުގެ އެކި ޕޭޖުތަކުގައި ޖަހާފައިވާ ސްކްރީންޝޮޓުތައް އަންނަނީ ދައުރުވަމުންނެވެ. އެގޮތުން ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާނުގައި ޖަހާފައިވެއެވެ. ނަމަވެސް ސަރުކާރުން އެތަން ދޫކޮށްފައިވާ އަސްލު އަގަކީ 11،500ރ. އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ދޫކޮށްފައިވާ ތަންތަން ކަމަށާއި، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދިނުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މިމިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި 4000 ފްލެޓު ތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދާތާ 2 ހަފްތާއެއް ހާ ދުވަސްވެފައިވާއިރު، މި ވޭތުވެ ދިޔަ ދެ ހަފްތާ ތެރޭގައި ގާތްގަނޑަކަށް 78 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
މި ފްލެޓް 25000 އަށް ކުއްޔަށް ދޭން ޖަހާފައި ވުމުން އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ، ގެދޮރުވެރިޔާ ސްކީމަކީ މާލޭގައި ދަތި ހާލުގައި ދިރިއުޅެމުން އަންނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހުޅުވާލި ސްކީމަކުން ދޭ ފްލެޓްތަކަކަށް ވީ އިރު އެތަން ލިބޭ މީހުން ބޮޑު އަގުގައި ކުއްޔަް ދޭން ޖެހުމެވެ. އެކަމުން އެނގިގެން ދަނީ އެއީ ހާލުގައި ދިރިއުޅޭ ބައެއް ނޫން ކަމާއި ފްލެޓް ލިބުމުން އޭގެން މަންފާ ހޯދަން ތިބި ބައެއް ކަމަށް ގިން ބަޔަކު އަންނަނީ ބުނަމުންނެވެ. މީގެ ބަދަލުގައި މި ފަދަ މީހުންގެ އަތުން ފްލެޓްތައް އަތުލައި އެފަދަ ފްލެޓެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ހާލުގައި ދިރިއުޅޭ މީހުން ފްލެޓްތައް ދިނުމަށް އެމީހުން އަންނަނީ ގޮވާލަމުންވެ.
މީގެ ކުރިން ވެސް މިފަދައިން ފްލެޓް ކުއްޔަށް ދިނުމުގެ މައްސަލަތައް ފެންމަތިވެފައި ވީ ނަމަވެސް އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ މި ފަދަ މައްސަލަތައް އިތުރުވަމުން އަންނާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެެެވެ.