ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 2 ކޮންޓެއިނަރު ސިނގިރޭޓު ކަސްޓަމްސްއިން ހިފަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ބުނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުންވެސް އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދާކަމަށާއި ތަހުގީގް ނިމުމުން، ތަހްގީގް ރިޕޯޓާއި އެއްގޮތަށް އެމްޕީއެލް އިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައަކީ ތަހުގީގީ މަރުހަލާގައިވާ މައްސަލައަކަށްވުމާއެކު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ. 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
މި ފަހުން ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އައްޑޫ ސިޓީ ވިޔަފާރި ބަނދަރުން ވަގަށް ނެރެން އުޅުނު 15 މިލިއަން ރުފިޔާގެ ސިނގިރޭޓު ވެސް މިދިޔަ މަހު އަތުލައިގެންފައިވެއެވެ.