ފާއިތުވި ހަފްތާގައި ފުލުހުންނަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިމައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ އަނބުރާ ހޯދާފަފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނީ މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. އެގޮތުން މިފަދަ 19 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ ކަރަންސީ އެކްސްޗޭންޖުގެ މައްސަލަތަކެވެ. ކަރަންސީ އެކްސްޗޭންޖުގެ 6 މައްސަލައެއް ހުށަހެޅިފައިވާއިރު، މި މުއްދަތުގައި އިމްޕާސޮނޭޝަންގެ 7 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 3 މައްސަލައަކާއި އެހެނިހެން 7 މައްސަލައެއް ހުށަހެޅިފައިވާކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.
އެންޓި ސްކޭމްގެ ސެންޓަރުގެ ހަފްތާގެ ތަފާސް ހިސާބަށް ބަލާއިރު ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ މަންސަތަކަކީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިން މަންސަތައް، ފިޝިން ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.
އެންޓި ސްކޭމް ސެންޓަރުންވަނީ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށް އެދިފައެވެ. އަދި ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމުގައި ބުނެފައެވެ. މީގެ އިތުރުން ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ.