އިދިކޮޅު އެމްޑީޕީން މި މަހު ތިންވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަށް ދިޔަ މީހުން، ވަޒީފާއިން ވަކިކުރަމުން އަންނަކަމަށް ބުނެ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ލޫޓުވައިފި، ލޫޓުވައިފި،" ނަމުގައި ބޭއްވި މުޒާހަރާއާއި ގުޅިގެން މީހުން، ވަޒީފާއިން ވަކިކުރަމުން އަންނަކަމަށް ބުނެ އެމްޑީޕީން ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން އެ ޕާޓީގެ ދެ މެންބަރެއްގެ ފޯނު ފުލުހުން ހިފަހައްޓާފައިވާކަން ހާމަކޮށްފައެވެ. އަދި އެ މުޒާހާރައިން ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހުން އަދިވެސް ފުލުހުންގެ ބަންދުގައި ތިބިކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ މިއީ ސިޔާސީ ގޮތުން ތަފާތުކުރުން ކަމަށެވެ. މިފަދަ ކޮންމެ އަމަލަކުން ދައްކައިދެނީ ސަރުކާރު ފެއިލްވެފައިވާކަން ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ. އިންޒާރުތަކާއި ބިރު ދެއްކުމަށް ނުސިހޭނެކަން ހާމަކޮށް އެމްޑީޕީން ބުނީ ދެން ރައްޔިތުން މަޑަކުން ނުތިބޭނެކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، މި މުޒާހަރާގައި ފުލުހުންނާއި، މުޒާހަރާގެ ބައިވެރިންގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ގުޅިގެން މުޒާހަރާއިން 8 މީހަކު ހައްޔަރުކޮށްފައިވާއިރު އެމްޑީޕީއަށް ނިސްބަތްވާ ދެ އަންހެން އެކްޓިވިސްޓުންގެ ފޯނު ފުލުހުން ވަނީ ހިފަހައްޓާފައެވެ.