ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ގޮތެއްގައި ހުރިހާކަމަކަށް ހައްލު ގެނައުމުގެ މަސައްކަތްކުރުން ކަމަށާ، ރާއްޖޭގައި ހުރި އެކި މައްސަލަތައް ހައްލުކުރުމަށް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ޖުމްލަ 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ދުވަސްތަކުގައިވެސް އެތައް ބިލެއް ހުށަހަޅުއްވައި، އެތައް ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމަވައިދެއްވާފައިވާ ކަމަށވެެ. މިހާރުވެސް 18 ބިލެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި އޮކްޓޯބަރު މަހު ފެށުނު ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރޭގައި އައު ގާނޫނުތަކެއްގެ ގޮތުގައި ތައާރަފު ކުރެވިގެންދާނެ 12 ގާނޫނެއްވެސް ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއް ހިމެނޭގޮތަށް، އިސްލާހުތަކެއްވެސް މީގެ ތެރޭގައި ހިމެނޭކަމުގައި ރައީސް ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ހުށަހެޅޭ އިސްލާހުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. ވަށާޖެހޭ ތަރައްގީ ގެނައުމުގައި ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި 27 ބިލުގެ ތެރޭގައި، ކޮރަޕްޝަން ނައްތާލުމަށް ރިޢާޔަތްކުރެވޭ 6 ބިލެއް ހިމެނޭނެ ކަމަށެވެ. މިއީ ކޮރަޕްޝަން ނައްތާލުމަށް ގާނޫނުގައި މިވަގުތު ހުރި ހުރަސްތައް ނައްތާލައި، ހަގީގީ މާނާގައި ކޮރަޕްޝަން ނައްތާލުމަށް ގެނެވޭ އިސްލާހުތަކެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަނި ވާން އޮތް ކަމެއް ނޫންކަމަށާ، މިއީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިމޭރުމުން ގެނެވޭ އެއް އިސްލާހަކީ މަނީލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަ އިސްލާހުކަމުގައި ރައީސް ވިދާޅުވިއެވެ. މިހާރު ހެދިފައިވާ ގާނޫނުތަކުގެ ތެރެއިން "ދެމިގަންނަ ފަރާތްތައް" ހުއްޓުވުމަށް އިސްލާހުތަކެއް ގެނެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރެއްވި އެސެޓް ރިކަވަރީ ބިލުގެ ވާހަކަ އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށްވެސް އިސްލާހުތަކެއް ހުށަހަޅުއްވާނެކަމަށާ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށާއި، ގާނޫނުލް އުގޫބާތަށްވެސް އިސްލާހުތަކެއް ހުށަހަޅުއްވާނެކަމުގައި ރައީސް ވަނީ ހާމަކުރައްވާފައެވެ.

ކޮރަޕްޝަންގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި، މި އިސްލާހުތަކާއެކު ޖުޑިޝަރީއާއި އެންޓިކޮރަޕްޝަން ކޮމިޝަން، އަދި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޯޓުތަކުގެ ގާނޫނަށް އިސްލަހު ގެންނަވައި، ކޯޓުތަކުގައި ތަޅު އަޅުވާފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގައިވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.