ދާއިމީ ބަލިތަކުގައި އުޅޭ މީހުންނަށް އަވަހަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މީހުންގެ ޕެންޝަން ފައިސާ، އުމުރުން 65 އަހަރު ވުމުގެ ކުރިން ލިބޭނެ ގޮތަކަށް ހެދުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ. މުހައްމަދު އިބްރާހީމް ވިދާޅުވި ގޮތުގައި "މެޑިކަލް ޕްރޮގްނޯސިސް" އަށް ބިނާކޮށް ޕެންޝަން އަވަހަށް ލިބޭނެ އެއްވެސް ނިޒާމެއް މިހާރަކު ނެތްކަމަށެވެ. އެ ހުސްކަމުގެ ސަބަބުން އެފަދަ ހާލަތު ދިމާވެފައިވާ މީހުންގެ އާއިލާތަކަށް އެކަށީގެންނުވާ މާލީ އަދި ނަފުސާނީ ބުރަތަކެއް އުފުލަން ޖެހިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕެންޝަން ފައިސާ ކުރިން ލިބޭނެ މަގު ތަނަވަސްކޮށްދީ، ކްލެއިމް ކުރުމުގެ އިޖުރާއާތުތައް ފަސޭހަކުރުމަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައިވާ މި އިސްލާހަކީ "ޓާމިނަލް އިލްނެސް" ތަހައްމަލު ކުރަންޖެހޭ މީހެއް ކަމަށް ކަށަވަރު ކޮށްދޭ މެޑިކަލް ސެޓްފިކެޓް އެ މީހެއްގެ އުމުރާއި މަސައްކަތްކުރި އަހަރުތަކަށް ބެލުމެއް ނެތި ޕެންޝަންގެ ފައިދާ ވީހާ ވެސް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ހުށަހެޅުއްވި އިސްލާހެއްކަމަށް މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އެ އިސްލާހުގައި ވަނީ އެފަދަ ބަލިމީހުންގެ ހާލަތުތައް ވަޒަން ކުރާނީ އިސްލާހުގައިވާ ގޮތުން ޕެންޝަން އޮފީހުން އެކުލަވައިލާ މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމަކުންކަމަށާއި ފައިސާ ދިނުމުގެ އިޖުރާއަތުތައް އަވަސްކުރުމުގެ ގޮތުން ޕެންޝަން ފައިސާ ހޯދަން ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭނެކަމަށެވެ.