މަސްދަރުތަކުން ބުނާގޮތުން 3000 އަށްވުރެ ގިނަ މީހުންނާއެކު އެމްޑީޕީގެ ލޫޓުވައިފި މުޒާހަރާ ފަށާ މިހާރު މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެފައިވާއިރު، ފުލުހުންގެ ޝީލްޑުތައް އަތުލާ މުޒާހަރާގެ ބައިވެރިން އުކަން ފަށައިފިއެވެ.
ފުލުހުން ޕެޕާ ސްޕްރޭގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ މި ޝީލްޑުތަކުގައި ޖެހިގަނެ ބައެއް ޝީލްޑު ފުލުހުންގެ އަތުން އަތުލާ މުޒާހަރާގެ ތެރޭގައި އުކަން ފަށާފައެވެ.
ނަމަވެސް އެމްޑީޕީން ދަނީ ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެގަނެ ރައްޔިތުންނަށް އަނިޔާވަފަދައިން އަމަލުކުރަމުން ދާކަމަށް ބުނަމުންނެވެ. މިއީ ސުލްހަވެރި ހަރަކާތެއް ކަމަށާއި މި ހަރަކާތް ހަލަބޮލިކުރުމަށް މަސައްކަތް ކުރަނީ ފުލުހުން ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރަން ނިންމާފައިވާކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
މުޒާހަރާގެ ފަރާތްތަކަށް ހުރަސްއެޅުމަށް އާޓިފިޝަލް ބީޗު ކައިރީ ފުލުހުން ބެރިކޭޑު ޖަހާ މީހުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާކަން ފާހަގަކޮށް އެމްޑީޕީން ބުނީ މި ހަރަކާތް ފެށުމުގެ ކުރިން ފުލުހުން ބެރިކޭޑުތައް ޖަހަން ފަށާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު އިސްތިއުފާއަށް ގޮވަމުން މުޒާހަރާގެ ބައިވެރިން ދާއިރު، ޓެކްސީތަކާއި، ބޭސްފަރުވާގެ އިތުރުން ދަރިވަރުން އަދި އިގްތިސާދުވެސް ލޫޓުވައިފިކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން އެމީހުންގެ އަޑު ސަރުކާރަށް އިއްވުމަށް ފުރުސަތު ދިނުމަށްވެސް ފުލުހުންނަށް ދަނީ ގޮވާލަމުންނެވެ.