ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ފެނަކައިގެ އޮޑިޓްގައި ފާހަގަކުރެވުނު މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަންގެ ތަހުގީގު ކުރުމުގެ އިހްތިސާސަށް ފެތޭ މައްސަލަތަކަކީ ކޮބައިކަން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކީ މިހާރު ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަން ފާހަގަކޮށް އޭސީސީން ބުނީ ފެނަކަ ކޯޕަރޭޝަންގެ 161 މައްސަލައެއް މިހާރުވެސް ތަހުގީގުކުރަމުން އަންނަކަމަށެވެ. އަދި މީގެ ތެރެއިން 13 މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ޕީޖީ އޮފީހާއެކު ފަށާފައިވާކަމަށެވެ.

މީގެ އިތުރުން އޭސީސީން ބުނީ 2022އިން ފެށިގެން ފެނަކައަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި މީހުންނަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކޮށް، މިހާރު ހުކުމް ވެސްކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ފެނަކައާ ގުޅޭގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، 21،458،280.86 އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާނެކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހު ކުރުމަށް އަންގާފައިވާނެކަން ހާމަކޮށް އޭސީސީން ބުނީ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 49 ކަމެއް އިސްލާހުކުރުމަށް އަންގާފައިވާކަމަށެވެ. އަދި ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމެއްގެ އިތުރުން ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމެއް އަދި ކުންފުނިން ބަލައި ތަހުގީގުކުރަން 8 ކަމެއް އިސްލާހުކުރުމަށް އަންގާފައިވާނެކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.