މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ހިންގާ ކޯސްތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިން ހިންގުމުގެ ހުއްދަ ދީފިއެވެ.
އެ ހުއްދަ ދިނުމުގެ ގޮތުން އެމްއެންއެސްޑީއޭ އާއި އެމްއޭސީއެލްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހުރާ މުހައްމަދުއެވެ.
މި އެއްބަސްވުމުގެ ސަބަބުން އެމްއެންއެސްޑީއޭ އިން ހިންގާ ގައުމީ ސެޓްފިކެޓް ލެވެލްގެ ހުރިހާ ކޯހެއް އެމްއޭސީއެލްގެ ޓްރެއިނުންނާއެކު އެއިމް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްގީ ކުރުމަށާއި އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށް އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.