މާލޭގެ މަގުތަކުން ކުއްޔަށް ދީފައި ހުރި ޕާކިން ސްލޮޓްތައް އުވާލައި، ޕާކިން ސްލޮޓްތައް އެންމެންނަށް ވެސް ބޭނުން ކުރެވޭނެހެން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލްއިން ޓްރާންސްޕޯޓް މިނިސްޓްރީއަށް އެގޮތަށް ލަފާ ދިނުމާއެކު ޕާކިން ސްލޮޓްތައް ކުއްޔަށް ނުދެވޭނެ ކަމަށް އެ މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލަށް އަންގާފައިވާކަން އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މިއަދުން ފެށިގެން މާލޭގެ މަގުތަކުގައި ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި މަގުމަތީގައި، ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި ކޮންމެ އާންމު ރައްޔިތަކަށްވެސް ޕާކް ކުރެވޭނެކަމަށް މާލެ ސިޓީކައުންސިލުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ. އެގޮތުން ކުއްޔަށް ދޫކޮށްފައިވަނީ ޕްރައިވެޓް ކާރުތަކަށް 1500ރ. އަދި ޓެކްސީތަކަށް 700ރ ގެ މަގުންނެވެ.