މަސްތުވާތަކެއްޗާއި ވޭޕް އަދި ގިނަ އަދަދެއްގެ ރާއްޖެ އެތެރެކުރުން މަނާ ތަކެއްޗާއެކު 3 ބެއިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެއްބަނޑު އެއްބަފާ ތިން މީހުން ކަމަށްވާ ލ. މާބައިދޫ / ސޭޑީކޯނާ، ނަޝްވާން މުހައްމަދު (32އ)، ނަހުޒާން މުހައްމަދު (25އ) އަދި ނަބުހާން މުހައްމަދު (22އ) އެވެ.
ފުލުހުން ބުނީ 4 މީހަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 3 އެޕާޓްމަންޓު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ 4 މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ތަނުން އެކަކު ދުއްވި ސައިކަލުންނާއި ބަލައިފާސްކުރި އެޕާޓްމަންޓުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕްއާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111،880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝްވާން އަދި ނަހުޒާން ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އަދި ނަބުހާން މުހައްމަދު 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.