އަންނަ ފެބްރުއަރީ މަހުން ފެށިގެން ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކުރަން ނިންމައިފިއެވެ.

ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓް ބޮޑުކުރަން ނިންމާފައިވާކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ޑޮލަރު ލިމިޓު ބޮޑުކުރަން ނިންމާފައިވަނީ ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކޭ ލިމިޓް މަހަކު 1،000 ޑޮލަރަށް އިތުރުކުރަން ވެސް ރައީސް ވަނީ ނިންމާފައިވާފައެވެ. އަދި ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ވެސް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހަމަ އެ ތާރީހުން ފެށިގެން ރާއްޖޭން ބޭރުގައި ބޭސްފަރުވާއަށް ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހުމުން، ބޭންކުގައި އެދިގެން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.