ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓާޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް 'ހިޔާލުން ހުޅުމާލެ' ގެ ނަމުގައި ފޯރަމެއް ބާއްވަން ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ ތަރައްގީގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މާސްޓާ ޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެއް ކަމަށެވެ. އަދި ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކުރުމާއި، ހުޅުމާލޭގެ ތަރައްގީއާ ގުޅޭގޮތުން އާންމުންނާ މައުލޫމާތު ހިއްސާކުރުމަކީވެސް މި ފޯރަމްގެ އަމާޒެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ މި ފޯރަމްގައި ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތާއި، ހުޅުމާލެތެރޭގެ ދަތުރުފަތުރުތައް ބައްޓަންކުރަންވީ ގޮތުގެ އިތުރުން، ހުޅުމާލެ ފެހިކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށެވެ.
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން އިތުރަށް ބުނީ މި ފޯރަމްގައި އޮންލައިންކޮށް ރަޖިސްޓާ ކުރުމަށް މިހާރު ހުޅުވާލާފަވާ ކަމަށާއި، ރަޖިސްޓާ ކުރުމުގެ ސުންގަޑިއަކީ 7 އޮކްޓޯބަރު5 ވާ އަންގާރަ ދުވަސް ކަމަށެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކަމަށާއި، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މާސްޓާ ޕްލޭން ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ހުޅުމާލޭގެ އާ މާސްޓާ ޕްލޭނަކީ ދުރުރާސްތާއަށް ވިސްނައިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވޭނެ މާސްޓާ ޕްލޭނެއް ކަމަށް ވިދާޅުވެފައެވެ.