މާލެ އިން ބޭރުގައި ބެހެއްޓި ފުރަތަމަ ޑީކޯ ޗެމްބަރު ތ. ގުރައިދޫގައި ހުޅުވައިފިއެވެ.

ފީނާއިރު ދިމާވާ ސިއްހީ ހާލަތެއް ކަމަށްވާ ޑީކޮމްޕްރެޝަން ނުވަތަ ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބަރުގެ ހިދުމަތް އެކި ރަށްތަކުގައި ގާއިމްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

އެގޮތުގެ މަތިން އެ ރަށުގައި މިއަދު ޑީކޯ ޗެމްބަރު ހުޅުވީ އެމްއެންޑީފްގެ ހޮސްޕިޓަލް ސެނަހިޔާ ހައިޕާބެރިކް ސެންޓަރުގެ ނަމުގަ އެވެ. އެ ސެންޓަރު ހުޅުވާދެއްވީ ގުރައިދޫގައި މިއަދުގެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު އެވެ. އެ ޗެމްބަރު ހަދިޔާކޮށްފައި ވަނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ރޭ ވިދާޅުވީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ޗެމްބަރުތައް ބަހައްޓައި ނިމޭނެ ކަމަށެވެ. އެ ރަށްތަކަކީ މާލޭގެ އިތުރުން އއ. ރަސްދު އާއި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އަދި ފުވައްމުލަކާއި އައްޑު އެވެ.

ތ. ގުރައިދޫގައި ބެހެއްޓި ޑީކޯ ޗެމްބަރު ރައީސް ބައްލަވާލައްވަނީ

އަދި ހަަމަ އެހެންމެ 100 މީޓަރު އަޑިން ޑީކޯ ވިޔަސް، ގުރައިދޫގައި ހުޅުވާ ޑީކޮމްޕްރެޝަން ޗެމްބަރުން ފަރުވާ ދެވޭ ފެންވަރު އެބަހުރި ކަމަށާއި އޭގެ އިތުރަށް ވެސް އޮކްސިޖަން ތަރަޕީ އާއި އެފަދަ އިތުރު ކަންކަމަށް ވެސް ކަމާބެހޭ ޑޮކްޓަރުންނަށް އޭގެ ބޭނުން ހިފޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެހެން ރަށްރަށުގައި ވެސް ޑީކޮމްޕްރެޝަން ޗެމްބަރުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޑީކޮމްޕްރެޝަން ޗެމްބަރަކީ މަސްވެރިންނާއި ޑައިވްކުރާ މީހުންނަށް، އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިންމު އާލާތަކަށްވާއިރު ގިނަ ރަށްތަކެއްގައި މި ހިދުމަތް ލިބެން ނުހުންނަ ކަމުގެ ޝަކުވާ އެ ދާއިރާތަކުގައި އުޅޭ މީހުން ދަނީ އަބަދުވެސް ކުރަމުންނެވެ.