ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ޕެޓީ ކޭޝްގެ ގޮތުގައި ދޫކުރި ފައިސާއަށް ވެސް ހިޔާނާތްތެރިވެފައިވާކަން ހާމަވެއްޖެއެވެ.

2021 ވަނަ އަހަރުން 2023 އަހަރުގެ ނިޔަލަށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައި ވަނީ ޕެޓީ ކޭޝްގެ ފައިސާގެ ގޮތުގައި ދޫކުރި 26,493,169 ރުފިޔާ ވަގުތީ ވަޒީފާތަކަށް ނެގި ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށާއި އަދި ޕެޓީ ކޭޝް ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މަގު ފަހިވެފައިވާ އޮތް ކަމަށެވެ.

އެގޮތުން އެ ކޯޕަރޭޝަނުން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ބްރާންޗުތަކުގައި ރައްކާތެރިކަމާއެކު ފައިސާގެ ކަންކަން ބެލެހެއްޓުމަށް ތިޖޫރިއާއި ކުންފުނީގެ ދާއިމީ މުވައްޒަފުންނާއި އަދި ބައެއް ބްރާންޗުތަކުގައި ބޭންކު އެކައުންޓް ފަދަ ވަސީލަތްތައް ބޭނުންކުރެވޭނެ އިްނތިޒާމު ހަމަޖައްސާފައިވީ ނަމަވެސް ކުންފުނިން އިންހައުސްކޮށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގައި ޕެޓީ ކޭޝް ފައިސާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓު އުސޫލުން ވަގުތީ ގޮތުން ނަގާފައިވާ މުވައްޒަފުންނާކަން ވަނި ފާހަގަ ކޮށްފައެވެ.

އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅުންހުރި ހަރަދުތައް ކުރުމަށް 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 26,493,169 ރުފިޔާ ޕެޓީ ކޭޝްގެ ގޮތުގައި ދީފައި ވެއެވެ.

ޕެޓީ ކޭޝްގެ ގޮތުގައި ދޫކުރި ފައިސާގެ ތަފްސީލް

މީގެ ތެރެއިން 21،368،039 ރުފިޔާ މުވައްޒަފުންގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާއިރު 5،125،130 ރުފިޔާ ދޫކޮށްފައިވަނީ ނަގުދު ފައިސާގެ ގޮތުގައެވެ.

އަދި ހަމަ އެހެންމެ އެ ކުންފުނީގެ އެމްޑީ ބިއުރޯއަށް ދޫކޮށްފައިވާ ޕެޓީކޭޝްގެ ގޮތުގައި ދޫކުރި ފައިސާގެ ތަފްސީލުވެސް ލިބިފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ު6,344,793ު ރުފިޔާ ދޫކޮށްފައިވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި ބިއުރޯއާއި ލޮޖިސްޓިކްސް ޑިޕާޓްމަންޓަށް ދޫކޮށްފައިވާ ޖުމްލަ 884،082 ރުފިޔާ ހަރަދު ކުރި ގޮތާއި ބިލްތައް ލިބިފައި ނުވެއެވެ. އަދި ލޮޖިސްޓިކްސް ޑިޕާޓްމަންޓަށް ޕެޓީ ކޭޝްގެ ގޮތުގައި ދޫކުރި ު5,460,711 ރުފިޔާގެ ތަފްސީލުތައް ވެސް ނުލިބޭ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.