ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުގެ އާއިލީ ގުޅުން އޮންނަ އެކި ކުންފުނިތަކަށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އެ ރިޕޯޓުގައި ވަނީ އެ މުއްދަތުގެ ތެރޭގައި 8,828,606,664 ރުފިޔާގެ މުދަލާއި ހިދުމަތް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން ހަރަދުކޮށްފައިވާކަމަށެވެ.
އެ ހަރަދުތަކުގެ ތެރޭގައ،ި ކުންފުނީގެ އާންމު އޮޕަރޭޝަންތަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމަށް ކުރި ހަރަދުގެ އިތުރަށް، ކުންފުނީގެ އޭރުގެ މާލީ ހާލަތަށް ރިއާޔަތް ކުރާއިރު އެ ވަގުތަށް މުހިންމު ނޫން ގިނަ ކެޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި ރޭވުންތެރިކަމާ ޒިންމާދާރު ކަމެއްނެތި އާންމު ބީލަމުގެ އުސޫލުތަކުގެ ބޭރުން އަގުބޮޑުކޮށް ހޯދާފައިވާ ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުން ވާނެހެން ކުންފުނީގެ ފައިސާ ހޭދަކުރަމުން ގޮސްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އަދި ކުންފުންޏަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކި ފަރާތްތަކާއި އެކު ޖުމްލަ 674 އެއްބަސްވުން ހަދާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބިޑަކާއި ނުލާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ. އަދި ހަމަ އެހެންމެ ހަމައެކަނި ކަރަންޓް ކޭބަލް ގަތުމަށް ވެސް 790 މިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާއިރު، ޖެނެރޭޓަރު ސެޓް ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ވެސް އޮޑިޓުން އެނގެއެވެ.
އާންމު ބީލަމުގެ އުސޫލުން ބޭރުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކުގެ ތެރޭގައި:
- ކަރަންޓު ކޭބަލް ގަތުމަށް 544 މިލިއަން ރުފިޔާ
- ޖަނަރޭޓަރު ސެޓްތައް ގަތުމަށް 259 މިލިއަން ރުފިޔާ
- ޓްރާންސްފޯމަރު ގަތުމަށް 76,331,309 ރުފިޔާ
- ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 491 މިލިއަން ރުފިޔާ
މީގެ އިތުރުން ވެސް ގދ.ތިނަދުއަށް މުދަލާއި ތަކެތި ގެންދިއުމަށް މުދާ އުފުލާ ދޯނި 80،000 އާއި 120،000 ރުފިޔާ އާއި ދެމެދު ރޭޓެއް އުޅުނު ނަމަވެސް އެ ކޯޕަރޭޝަނުން މުދާ އުފުލުމަށް ދޯނި ކުއްޔަށް ހިފާފައިވަނީ 450،000 ރުފިޔާ އަށް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން މުދާ ސަޕްލައި ކުރާ އުޅަނދުފަހަރު ނުގެންގުޅޭ ފަރާތްތަކުން އަގު ހޯދާ އެ ފަރާތްތަކާ މަސައްކަތް ހަވާލުކޮށްގެން މުދާ އުފުލުމުގެ މަސައްކަތް ކުރުމަށް 105,401,376 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެއެވެ.
އަދި އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއުތަކާ ގުޅިގެން ކޮންޓްރެކްޓަރުންނަށް ދޫކުރި އެޑްވާންސް ފައިސާގެ ތެރެއިން 22,028,390 ރުފިޔާ އަނބުރާ ލިބިފައި ނުވެއެވެ. ހަމަ އެހެންމެ ރަށްރަށުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކުގެ މަސައްކަތަށް ހާޒިރުވި މުވައްޒަފުންގެ ކެއުމުގެ ހަރަދަށް ބިލް ކުރަން ޖެހޭ ވަރަށްވުރެ އިތުރަށް 14,234,950 ކޮންޓްރެކްޓަރުންނަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.
އަދި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރާއި ގުޅުންހުރި ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމަށް 49,778,099 ރުފިޔާގެ އެއްބަސްވުން ހަދާ އެ ކުންފުނިތަކަށް މިދިޔަ އަހަރުގެ ނިޔަލަށް 31,124,418 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އެމްޑީގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުންޏާއެކު ހަދާފައިވާ 90 އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ މަސައްކަތްތަކާއި އެމްޑީގެ ޅިޔަނެއްގެ ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކާއެކު ހަދާފައިވާ 2 އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި މަސައްކަތްތަކެވެ.
އެމްޑީއާ ގުޅުންހުރި ވިޔަފާރިތަކަކީ ޝެލްޓާ ހޯލްޑިންގްސް ޕަރައިވެޓް ލިމިޓެޑް، ޕަވަރޭ އިންވެސްޓްމެންޓް ޕަރައިވެޓް ލިމިޓެޑްގެ އިތުރުން ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ.
މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކައަށްވާއިރު ސައީދުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ އެކި ދައުވާތައް ވެސް އުފުލާފައެވެ. ނަމަވެސް އޭނާ އަންނަނީ އެ ދައުވާތަކަށް އިންކާރު ކުރަމުންނެވެ.