ތ. ދިޔަމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދިޔަމިގިލީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާރުގައި މި މަޝްރޫއުގެ މަސައްކަތް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. 82 މިލިއަން ރުފިޔާއަށް އެ ކުންފުންޏާއި ހަވާލު ކުރި މި މަޝްރޫއު ނިންމަން އެ ކުންފުންޏަށް ދީފައި ވަނީ 570 ދުވަހެވެ.

1011 މީހުން ދިރިއުޅެމުން އަންނަ ދިޔަމިގިލީގައި ރަނގަޅު ފެންވަރެއްގައި މަގުތައް ހެދިފައި ނުވާކަމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ކުރަމުން އަންނައިރު އެމްޓިސީސީން ބުނީ މި މަގު ހެދުމާއެކު ވިއްސާރަ މޫސުމުގައި ދިޔަމިގިލީ މަގުގައި ޗަކަ ހެދި ރައްޔިތުންނާ، އުޅަނދުތަކަށް ގެއްލުން ލިބޭ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ.